މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެރިޓް އެވޯޑު ސެންޓާ ފޮރ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ހަތަރު ދަރިވަރަކަށް މިއަދު ދީފި އެވެ.
އެމްއޭސީއެލް މެރިޓް އެވޯޑަކީ އެ ކުންފުނީގެ "އެމްއޭސީއެލް ކެއާ"ގެ ދަށުން ސީއެޗްއެސްއީގެ ގްރޭޑް11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަންހެން ދެ ދަރިވަރަކަށް އަދި ފިރިހެން ދެ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ. މި އެވޯޑާއި އެކު ދަރިވަރުންނަށް ލެޕްޓޮޕްގެ އިތުރުން، ޑޭޓާ ޕެކޭޖް އަދި ކޮންމެ މަހަކު 2000 ރުފިޔާގެ އެލަވަންސެއް އެއްއަހަރު ދުވަހުގެ މުއްދަތަށް ދެ އެވެ.
މި އެވޯޑު ލިބުނު ދަރިވަރުންނަށް އެމްއޭސީއެލް ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތުވެސް ފަހިކޮށްދެ އެވެ.
މި އަހަރު މި އެވޯޑު ހާސިލްކުރީ ޔަޝާ ޝާފީ ޝަފީގާއި އަހުމަދު ރާއިފް ނަސީމާއި ނިޝްރާ ވަހީދު އަދި އަލީ މާއިޒް އެވެ. އެ ދަރިވަރުންނާ އެވޯޑު ހަވާލު ކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ އެމްއޭސީއެލް އަކީ މީހުން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ. އެމްއޭސީއެލްގެ ހުރިހާ ޓެކްނިކަލް ދާއިރާތަކެއްގައި ވެސް މަސައްކަތްކުރަނީ ދިވެހިންކަން ފާހަގަކުރައްވައި، ސްކޫލް ނިންމާ ދަރިވަރުން އެމްއޭސީއެލްއާ ގުޅުމަށް ދަޢުވަތު އެރުވި އެވެ. އަދި ކިޔެވުމުގެ އިތުރުން އެހެނިހެން ދާއިރާތަކުގައި، ހާއްސަކޮށް ކަންކަން ރާވައި ހިންގުމުގައި އަމަލީގޮތުން ބައިވެރިވުމަކީ ދަރިވަރުންގެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް، މުސްތަޤުބަލުގައި ކާމިޔާބު މީހުންނަށް ވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއެޗްއެސްސީގެ ޕްރިންސިޕަލް ޒުހުދުލް ހައްޤު ވަނީ އެމްއޭސީއެލް އިން މިފަދަ ފުރުޞަތުތަކެއް ދަރިވަރުންނަށް ހޯދައިދިން ކަމަށްޓަކައި، ކުންފުނީގެ އިސްވެރިންނަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ. އަދި ސީއެޗްއެސްސީ އަކީ ކިޔެވުމުގައި ވާދަވެރި ދަރިވަރުން ތިބި ސްކޫލެއް ކަމަށާއި މި އެވޯޑުގެ ސަބަބުން ދަރިވަރުން ކިޔެވުމުގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށް ވިދާޅުވި އެވެ.
މެރިޓް އެވޯޑުގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން ސީއެޗްއެސްއީގެ ބެސްޓް އޯލް ރައުންޑް ދަރިވަރުންނަށް އެމްއޭސީއެލް އިން ދަނީ ފައިސާގެ އިނާމުވެސް ދެމުންނެވެ. އެމްއޭސީއެލް ކެއާގެ ދަށުން ރާއްޖޭގެ އެކި ސްކޫލްތަކަށް ވަސީލަތްތަކާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުން ގެންދެ އެވެ.