ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން މައްސަލަ ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އެ މައްސަލަ އޭސީސީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
މި ތަހުގީގާއި ގުޅޭގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ މި މައްސަލަ ބަލަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށާއި އަދި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ވަރަކުން ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޕާސްޕޯޓް ވެސް ހިފަހައްޓަންޖެހޭ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ. އަދި ތަހުގީގަށް ވީ 24 ގަޑިއިރު ކަމަށާއި މިކަމުގައި އެއްވެސް ފިޔަވަޅެއް ނާޅާ ދޫނުކުރާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ބުންޏެވެ.
މި ތަހުގީގުގައި މިހާތަނަށް ވަރަށް ގިނަ ފަރާތްތަކާއި ސުވާލުކޮށް، ވަރަށް ގިނަ ހެކިތަކެއް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ތަހުގީގުގައި އަދި މިހާތަނަށް އެއްވެސް ފަރާތެއްގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި ނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެން ހަމަ އެންމެ ސީރިއަސްކޮށް ކުރިއަށްގެންދާ އެއް ތަހުގީގު މިވަގުތު މީ،" ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ހަ ފަރާތަކާއި ސުވާލުކޮށްފައިވާނެ ކަމަށާއި ނަމަވެސް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް މިހާތަނަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މިހާތަނަށް ތަހުގީގަށް ފާހަގަކޮށްފައިވާ ގޮތުގައި ސައްހަ ނޫން ލިޔުންތަކެއް ހުށަހަޅައިގެން ބިން ހޯދުމަށް މަސައްކަތްކޮށްފައި ވަނީ ތިން ބިމަކަށް ކަމަށްވެސް ބުންޏެވެ.
އެ ބިންތަކަށް ހަ ފަރާތަކުން ލިޔުންތައް ހުށަހެޅިއިރު އެ ފަރާތްތަކަކީ ސްކީމުން ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމާފައިވާ ފަރާތްތައް ކަމަށާއި އޭގެ ތެރެއިން ބައެއް ފަރާތްތަކާ ސުވާލުކުރުމުން އެ ފަރާތްތަކުން ހުށަހެޅި ލިޔުންތައް ދީފައި ވަނީ ކުރީގެ ސަރުކާރުގައި ކަމަށް އެ މީހުން ތަހުގީގަށް ބަޔާން ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.