ލިބިވަޑައިގެންނެވި އަނިޔާތައް ގިނަ ކަމަށާއި އެހެންނަމަވެސް މަސައްކަތް ކުރައްވަނީ ހެޔޮ ހާލުގައި އަނބުރާ ރާއްޖެ ވަޑައިގެންނެވުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ނަޝީދު އަވަހާރަ ކޮށްލަށް މާލޭގައި ވަނީ ބޮމުގެ ހަމަލާއެއް ދީފަ އެވެ. އައިއީޑީއެއް ބޭނުންކޮށްގެން އެ ހަމަލާ ދިންއިރު ނަޝީދުގެ ހަށިކޮޅަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ. އެތައް ގަޑިއިރަކަށް ދިގު ދެމިގެން ދިޔަ އޮޕަރޭޝަންތަކަކަށް ފަހު ނަޝީދު އިތުރު ފަރުވާއަށް ވަނީ ޖާމަނީއަށް ވަޑައިގެންފަ އެވެ.
މިމަހު ފަހުކޮޅު ރާއްޖެ ވަޑައިގަންނަވާނެ ކަަމަށް އުއްމީދު ކުރައްވާކަމަށް ކުރިން ވިދާޅުވި ނަޝީދު ޖާމަނީގައި ހުންނަވައި މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ރަހުމަތްފުޅާއިއެކު ލިބިވަޑައިގެންނެވި ހުރިހާ އަނިޔާތަކުން އަރައިގަނެ ހެޔޮ ހާލުގައި ވަޑައިގެންނެވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
ނަޝީދު މިފަދައިން ވިދާޅުވިއިރު އެމަނިކުފާނުގެ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދު މިއަދު ވިދާޅުވީ ނަޝީދުގެ ފަޔަށް ލިބިވަޑައިގެންނެވި ޒަހަމު ފިޔަވައި އެހްނެ ހުރިހާ ޒަހަމްތަކެއް މިހާރު ރަނގަޅު ވެފައިވާ ކަމަށެވެ. މިއަދު ނަގަން ހަމަޖެއްސެވި އެންޑޮސްކޮޕީ ޑޮކްޓަރު ކެންސަލް ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ލަކުނުތައް ފިލުވުމަށް ހަދާ ސާޖަރީތައް ހެއްދެވުމަށް ނަޝީދު ދެކޮޅު ހައްދަވާފައިވާކަމަށް ނާޝިދު ވިދާޅުވި އެވެ.
ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެހެންނަމަވެސް މައްސަލައިގެ އެންމެ އަޑީގައި ތިބި މީހުން ހޯދޭ ހިސާބަށް ފުލުހުންގެ ތަހުގީގުތައް ނުދާތީ އެމްޑީޕީން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ދަނީ ސަލާމަތީ ބާރުތަކުން ބްރީޗުވި ގޮތް ބެލުމަށް މަޖިލިސް އިންކުއަރީއެއްވެސް ކުރިއަށް ގެންދަމުންނެވެ.