ކީރިތި ޤުރުއާން ހިތު ދަސްކުރާ މީހުން ދަސްވެނިވުމަށް ކޮންމެ އަހަރަކު ވެސް ޚާއްޞަ ޙަފުލާއެއް ބާއްވަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދ ޝަހީމް އަލީ ސައީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައު ވިދާޅުވީ އެ ހަފުލާ ބާއްވާނީ ކޮންމެ އަހަރެެއްގެ ރަމަޟާން މަހުގެ 27 ވިލޭރޭ ކަމަށެވެ.
"ދަސްވެނިންނަށް ޚާއްޞަ ގައުނެއް ވެސް ތައްޔާރުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. "ﷲ ގެ ރަޙުމަތްފުޅުން މީގެ ފުރަތަމަ ޙަފުލާ މި އަންނަ ރަމަޟާން މަހުގެ 27 ވިލޭރޭ [އޮންނާނެ]."
ޤުރުއާން ހިތުދަސްކުރާ މީހުން އިތުރު ކުރަން ހިތްވަރު ދިނުމާއި އެކަމަށް މަގުފަހިކޮށް ދިނުމަށް އިސްލާމިކް މިނިސްޓްރީން މިހާރު އަންނަނީ ތަފާތު އެކި ކަންކަން ކުރުމުންނެވެ. އޭގެ ތެރޭގައި ޤުރުއާން ހިތުދަސްކުރާ މީހުންނަށް އުމްރާ ދަތުރު ދޭން ފެށުމުން ހިމެނެ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ހަ ޚާފިޒަކަށް އެ ފުރުސަތު ދީފައިވެ އެވެ.
އަދި ޤުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް ދެގުނަ ބޮޑުކުރަން ވެސް ސަރުކާރުން އޮތީ ނިންމައިފަ އެވެ.
މި އަހަރުގެ މިހާތަނަށް 28 މީހަކު ގުރުއާން ހިތުދަސްކޮށްފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ޒުވާން ކުދިންނެވެ.