އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭ ގޮތަށް، ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނައުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް މިގޮތަށް ނިންމެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. އުސޫލަށް ގެންނަ ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖުގެ އަޅުކަން އަދާކުރަންދާ ފަރާތްތަކަށް ފައިސާ ދައްކާ ތަރުތީބުން ފުރުޞަތު ދިނުމުގައި އަމަލުކުރުމަށް ނިންމާފައިވާ ގޮތަކީ:
ހ. އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން.
ށ. ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ޢުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ޚާއްޞަކުރުން
ނ. ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ޢުމުރުން 75 އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން. ނަމަވެސް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، (ކޯޕަރޭޝަނުގެ ލިސްޓުގައި ޢާއިލާގެ މީހަކު ހިމެނޭނަމަ އެމީހެއް) ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައި ނެތް ފަރާތެއް ކަމަށާއި އަދި ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތެއް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތެއް އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށް ކަނޑައެޅުން. (ނޯޓު: ސިއްހީ ޙާލަތު ކަށަވަރުކުރާނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ކަނޑައަޅާ ޑޮކްޓަރުން މެދުވެރިކޮށެވެ.)
ރ. ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ 5 އަހަރު ވުމުންކަމަށް ކަނޑައެޅުން.
ބ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޙައްޖުގެ ޚިދުމަތްތެރީންގެ ގޮތުގައި ގެންދާ ފަރާތްތައް (ހ)، (ނ) އަދި (ރ) އިން އިސްތިސްނާކުރުން
ރައީސް އޮފީހުން ވަނީ ހައްޖު ކޯޕަރޭޝަނަށް ފައިސާދައްކައިގެން ޙައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރު ވީނަމަވެސް ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށް ބުނެފަ އެވެ.