އިންޑިޔާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޖީ. ބާލަސުބްރަމަނިއަން މިއަދު މަގާމުގެ ފަތްކޮޅު ރައީސް ޑރ.މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.
ޖުމްހޫރީ މައިދާނުން ރައީސް އޮފީހަށް ސަފީރު ވަޑައިގަތީ ރަސްމީ އިއްޒަތުގައި ހަތްކޮޅާއެކު އެވެ. ހަތްކޮޅު އެރުވީ އެމްއެންޑީއެފްގެ ބޭންޑުންނެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އިންޑިޔާ ސަފީރު ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިޔަން ޖައިޝަންކަރުގެ ވެދުމާއި ސަލާން ރައީސް މުއިއްޒަށް ރައްދު ކުރައްވައިފަ އެވެ.
ދެ ބޭފުޅުން ވަނީ އިންޑިޔާ އާއި ރާއްޖޭގެ މެދުގައި ބަދަހިވަމުންދާ އެއްބާރުލުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ. އަދި އެ ގައުމުގެ ސަރުކާރުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާއި އެކި ދާއިރާތަކުގައި އިންޑިޔާ އިން ކުރަމުން އަންނަ އިންވެސްޓުމެންޓުތަކާ މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ބައްދަލުވުން ނިންމަވައިލެއްވީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވައި އެއްބާރުލުން ދިނުން އިތުރުކުރައްވާނެ ކަމުގެ ޔަގީންކަން ބަދަލުކުރައްވަމުންނެވެ.