ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް މިއަދު ފަށައިފި އެވެ.
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން މިއަދު ހެނދުނު ވަނީ އެޕާޓީގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފަ އެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބޮޑު ދިދަ ނެގީ އެމްޑީޕީގެ އޮފީސް ހުންނަ އިމާރާތުގަ އެވެ. ދިދަ ނަންގަވައިދެއްވީ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފްއާ ނައިބް ރައީސް މުހައްމު ޝިފާޒް (ޝިއްޕެ) އެވެ. މީގެ އިތުރުން އާޓިފިޝަލް ބީޗުގައި ހުންނަ އެޕާޓީގެ ހަރުގޭގައިވެސް ދިދަ ނެގުން ކުރިއަށް ގެންދިޔަ އެވެ. ރަށްރަށުގައި ތިއްބެވި ޕާޓީގެ އެހެން ބައެއް އިސް ބޭފުޅުން އެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވީ ވާޗުއަލްކޮށެވެ.
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހު ބޭނުންކުރާ ރިބަން ހަދާފައިވަނީ ރީނދުލާއި ކަޅު ކުލައިންނެވެ. ރިބަންގައި ކަޅުކުލަ ބޭނުންކުރަން ނިންމީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވައިލަން ދިން ހަމަލާއާއި ގުޅިގެން އެކަމުގެ ހިތާމައިގަ އެވެ.
އެޕާޓީގެ އަހަރީދުވަހުގެ ހަރަކާތެއްގެ ގޮތުން މިއަދު ހަވީރު މެމްބަރުންގެ ޝުއޫރު ފާޅު ކުރުމުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޖަލްސާގައި އެޕާޓިގެ ރައީސް މުހައްމަދު ނަޝީދުވެސް މެސެޖެއް ދެއްވާނެ އެވެ. ނަޝީދު މިވަގުތު ހުންނެވީ ޓެރަރިސްޓު ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނުގަ އެވެ.
މީގެ އިތުރުން މަގްބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމު، ކްލަބް ހައުސްގައި އެމްޑީޕީ ހަރުގެ އިފްތިތާހު ކުރުންވެސް މިއަދު އޮންނާނެ އެވެ. އަހަރީ ދުވަހުގެ ހަރަކާތްތައް މަސް ދުވަހަކަށް ދެމިގެން ދާނެ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.
2005 ވަނަ އަހަރު އުފެދުނު އެމްޑީޕީއަށް 16 އަހަރު ފުރުނުއިރު މިވޭތުވެދިޔަ އަހަރުތަކުގައި ބައިބައި ނުވާ ވަރަށް އެޕާޓީ ވަނީ ބައިބައި ވެފަ އެވެ. އެގޮތުން ޕާޓީގެ ރައީސް ނަޝީދާއި ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އެޕާޓީގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހާއި ދެމެދު ޖެހިފައިވާ މައްސަަލަތަކެއްގެ ސަބަބުން ޕާޓީގެ ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. ޕާޓީގެ މެމްބަރުންގެ މެދުގައިވެސް ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. އެމްޑީޕީގެ އަހަރީ ދުވަހުގެ ހަރަކާތްތަކުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާކަން އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.
މިވަގުތު އެންމެ ގިނަ މެމްބަރުން ތިބި ސިޔާސީ ޕާޓިގެ ގޮތުގައި އެމްޑީޕީ އޮތް އިރު އެޕާޓީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ގިނަ ޕާޓީތައް ވާދަކުރި ރިޔާސީ އިންތިހާބު ކާމިޔާބުކުރި ޕާޓީވެސް މެއެވެ.