އެސްޖޭ މިސްކިތްތަކާ ގުޅޭގޮތުން ހާމަކުރެވެން ހުރި އެންމެހައި ލިޔެކިޔުންތައް ހާމަކުރައްވާނެ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ، އެސްޖޭ ކޮންސްޓްރަކްޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ދެ ބުރީގެ މިސްކިތުގެ ޤިބުލަ ޖަހައިދިނުމަށް އެދުނުތާ 252 ދުވަސް ވީއިރުވެސް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޤިބުލަ ޖަހައިދީފައި ނުވާ ކަމަށް ބުނާ ބުނުމަކީ ދޮގެއް ކަމަށާއި، އެކަމާ ގުޅޭ ލިޔެކިޔުންތައް އެ ވުޒާރާގައި ހުންނާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވުމާ ގުޅިގެން މީސްމީޑިއާގައި އާންމު ފަރާތަކުން ކުރެއްވި ޕޯސްޓަކަށް ޖަވާބު ދެއްވަމުންނެވެ.
މިގޮތުން ޑރ. ޒާހިރު ވިދާޅުވީ ޤިބުލަ ފާހަގަކުރާ ވަރަށް މަސައްކަތް ނިމިފައިވާ ކަމަށް ބުނެ އެސްޖޭ އިން އިސްލާމިކް މިނިސްޓްރީއަށް 23 މާރިޗު 2022 ގައި ސިޓީ ފޮނުވި ކަމަށާއި، މިނިސްޓްރީން ޤިބުލަ ޖަހައިދީފައިވާކަން އެސްޖޭއަށް ރަސްމީކޮށް އަންގާފައިވަނީ 11 އޭޕްރީލް 2022 ގައި ކަމަށާއި، އެކަމާ ގުޅޭ ލިޔެކިޔުންތައް މިނިސްޓްރީގައި ހުންނާނެ ކަމަށެވެ.
މިކަމާ ގުޅިގެން މި ލިޔެކިޔުންތައް ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލައި އާންމު ފަރާތަކުން ކުރެއްވި ޕޯސްޓެއްގެ ޖަވާބުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައާއި، މިނިސްޓްރީގެ ކަމާބެހޭ ސެކްޝަންތަކާ މަޝްވަރާކުރުމަށްފަހު، އެގޮތަށް އެކަން ކުރެވެން އޮތްނަމަ، އެސްޖޭ މިސްކިތްތަކާ ގުޅޭގޮތުން ހާމަކުރެވެން ހުރި އެންމެހައި ލިޔެކިޔުންތައް ހާމަކުރައްވާނެ ކަމަށެވެ.
މާލޭ މަޖީދީ މަގަށްވާ ގޮތަށް ހުންނަ ޒިކުރާ މިސްކިތް ހުރި ބިމުގައި އައު މިސްކިތެއް އެޅުމަށް ކުރިންވެސް އެ މަސައްކަތް ހަވާލުކުރި ކުންފުނި ކަމަށްވާ އެސްޖޭ އާ ހަވާލުކުރީ 24 ޖަނަވަރީ 2025 ގައެވެ. މިކަމާ ގުޅިގެންވެސް އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ފާޑު ކިޔައިފައެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް 130 މިލިއަން ރުފިޔާއަށް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 9 ޖުލައި 2018 ގައި އެސްޖޭއާ ހަވާލުކުރެވުނެވެ. އަދި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޒިކުރާ މިސްކިތް އެޅުމަށް އެކުއިޓީގެ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން އޮތީ އެސްޖޭ އަށް 30 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުގޮސްގެން ރައީސް ޞާލިޙްގެ ސަރުކާރުން ވަނީ އެ އެއްބަސްވުން ބާޠިލުކޮށްފައެވެ. އެކަމާ ގުޅިގެން އެސްޖޭ އިން ވަނީ އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކޮށްފައެވެ. އަދި ސަރުކާރުން އެކުއިޓީގެ ގޮތުގައި ދޫކުރި ފައިސާ ހޯދުމަށް ދައުލަތުންވެސް ދަޢުވާ ކުރިއިރު، ކޯޓުން ބޭރުގައި މި މައްސަލަ ހައްލުކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. އެގޮތުން ޒިކުރާ މިސްކިތުގެ ބަދަލުގައި އެސްޖޭގެ ޚަރަދުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށް މިދިޔަ ސަރުކާރުން ވަނީ އެސްޖޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.