މިހާރު ހުންނެވީ މިހާރުގެ ސަރުކާރާ އެކީގައި ނޫން ކަމަށާއި އެކަމަކު ސިޔާސީ މަސައްކަތްތަކުގައި ގަދަކޮށް އުޅުއްވާނެ ކަމަށް މިއަދު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރި އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
މީޑީއަކަށް ދެއްވި އިންޓަވިއުއެއްގައި އޭނަ ވިދާޅުވީ ސިޔާސީ ގޮތުން ދެން ކުރިއަށް ދާނެ ވަކި ގޮތެއް ނިންމަވާނީ ބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމާ މަަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.
ފައިސަލް ވިދާޅިވީ ސިޔާސީ މަސައްކަތުގައި މިހާރަށް ވުރެ ގަދަކޮޑް ދެން ފެންނާނެ ކަމަށެވެ.
އޭނަ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން ޚިދުމަތްކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ވަރަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރެއްވި ކަމަށެވެ. ނަމަވެސް މަގާމުން ވަކިކުރި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި ވަކިކޮށް ފޮނުވި ސިޓީގައި ސަބަބެއް ހާމަކޮށްފައި ނެތް ކަމަށް ވިދާޅުވި އެވެ.