ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައްވާފައެވެ. މި ދެ މިނިސްޓްރީ އެއްކޮށްލެއްވުމަށްފަހު އުފެދުނު އައު މިނިސްޓްރީގެ ނަމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓެވެ. އަދި މި އައު މިނިސްޓްރީގެ މިނިސްޓަރުގެ މަޤާމަށް ތޯރިގު އިބްރާހިމް ވަނީ އައްޔަންކުރައްވާފައެވެ.
ތޯރިގު އިބްރާހިމްގެ އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސް އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއާ މަޤާމުގެ ލިޔުން ހަވާލުކުރައްވާފައެވެ. މިއީ މި ސަރުކާރުގައި މިހާތަނަށް އެންވަޔަރަންމަންޓް މިނިސްޓަރުގެ މަޤާމު ފުރުއްވަމުން ގެންދެވި ތޯރިގު އިބްރާހިމްއަށް ލިބިވަޑައިގަތް އިތުރު ޒިންމާއެކެވެ.
މި ބަދަލު ގެންނެވުމުގެ މައިގަނޑު ސަބަބަކީ ކުރިން ޓޫރިޒަމް މިނިސްޓަރުގެ މަޤާމު ފުރުއްވި އިބްރާހިމް ފައިސަލް މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު މަޤާމުން ވަކިކުރެއްވުމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން ކަމުގައިވާ ފައިސަލް މަޤާމުން ވަކިކުރެއްވި ސަބަބެއް އަދި މިހާތަނަށް ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ. މި ދެ މިނިސްޓްރީ އެއްކޮށްލެއްވުމާ ގުޅިގެން މިހާރު ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދު ވަނީ 19 އަށް ވެފައެވެ.