ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަމުން އައުމާއިއެކު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ މަޝްވަރާތައް ފަށާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މާލެ ސަރަަހައްދުގެ މިސްކިތްތަކުގައި މިދިޔަ ރަމަޟާން މަހު ގައިދުރުކޮށް ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ދިޔުމަށްފަހު ޖަމާއަތް މުޅިން ހުއްޓާލައި މިސްކިތްތައް ބަންދު ކުރީ މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލުން ނެއްޓިގެން ދިޔުމާއި ގުޅިގެންނެވެ. ހާހުން މައްޗަށް މާލެ ސަރަހައްދުގެ ކޭސްތައް ދިޔުމުން މާލޭގެ ވަކި މިސްކިތްތަކެއް ވަކިން އަރައި ނަމާދު ކުރެވޭގޮތަށް ބެހެއްޓުމަށްފަހު ބަންދު ކުރިއިރު މިދިޔަ ހަފްތާގެ ތެރޭގައި ހުރިހާ މިސްކިތެއްގައި ވަކިން ނަމާދު ކުރުމުގެ ހުއްދަ މިނިސްޓްރީން ވަނީ ދީފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މަޝްވަރާތައް ކުރިއަށް ދިޔަނަމަވެސް މިސްކިތްތަކުގައި ޖަމާއަތް ފަށަން ހުއްދަ ދޭނީ ރައްކާތެރިކަމުގެ ގތުން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު ކަމާއި ގުޅޭ އިދާރާތަކުގެ ހުއްދައާއިއެކު ކަަމަށެވެ.
ވަރަށް އަވަހަށް މިސްކިތްތަކުގައި ޖަމާއަތް ފެށިގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ވިދާޅުވެފަ އެވެ.
މާލެ ސަރަހައްދުގައި ދެމުންދިޔަ ހުރިހާ އާންމު ހިދުމަތެއްހެން މިދިޔަ މަހު ފަހުކޮޅު މެދުކަނޑައިލި އެވެ. މިދިޔަ ހަފްތާ ވަނީ ސެލޫންތަކާއި ޖިމްތަކުގެ ހިދުމަތް ދިނުމަށް ގައިޑްލައިނެއް ހަދައި އެކަމުގެ ހުއްދަ ދީފަ އެވެ. އެހެންނަމަވެސް މިސްކިތްތަކުގެ ޖަމާއަތް ފެށުމުގެ ހުއްދަ ދީފައެއް ނުވެ އެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒު ވެފަ އެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ކެފޭ އަދި ރެސްޓޯރެންޓުތަކުގައި ޑައިނިންގެ ހިދުމަތް މަނާކޮށްފައި އޮތުމުންވެސް މައްސަލަ ވަނީ ހޫނުވެފަ އެވެ. އެގޮތުން ރެސްޓޯރެންޓު އެސޯސިއޭޝަނުން މާދަމާ އިހުތިޖާޖު ކުރަން ވަނީ ހަމަޖެހިފަ އެވެ. ސަރުކާރުން ބުނީ އެކަމުގެ މަޝްވަރާވެސް ކުރިއަށް ދާކަމަށެވެ.