ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް، ސްރީލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
މިގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވަނީ ސްރީލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވައިފައެވެ. މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، މިއީ ސްރީލަންކާގެ ރައްޔިތުން ޤައުމީ ކުރިއެރުމާއި އެއްބައިވަންތަކަން ހޯދުމަށް ކަނޑައަޅާފައިވާ އަޒުމާއި ރޫހު ދައްކުވައިދޭ މިސާލެއް ކަމަށެވެ.
އަދި، ސަރަހައްދީ ހަމަޖެހުމާއި ޞުލްޙައާއި، ކުރިއެރުމަށް ގުޅިގެން މަސައްކަތްކޮށް، އިޖުތިމާޢީ އަދި އިޤުތިޞާދީ އެއްބާރުލުން އިތުރުކުރުމުގެ ތެރެއިން ދެ ޤައުމުގެ ގާތް ގުޅުން ވަރުގަދަވާނެކަން ޔަޤީންކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ލަންކާގެ 77 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސަނަޔާކޭއަށާއި، ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާއި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ސްރީލަންކާގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ރާއްޖެއާއި ލަންކާ ހިއްސާކުރަނީ އެއް އުސޫލުތަކަކާއި، ވިސްނުމާއި އިތުބާރެއްގެ މައްޗަށް ބިނާވެފައިވާ ޚާއްޞަ ގުޅުމެއް ކަމަށެވެ. އަދި، އަވަށްޓެރިކަމާއި އެތައް ޤަރުނުތަކެއް ކުރިން ޤާއިމުވެފައި އޮތް ރަހުމަތްތެރިކަމެއްގެ މައްޗަށް ބިނާވެފައިވާ ރާއްޖެއާއި ލަންކާގެ ގުޅުންތައް އިތުރު މަސައްކަތްތަކުގެ ތެރެއިން ކުރިއަރާނެކަން ޔަޤީންކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ ސްރީލަންކާގެ ރައްޔިތުންނަށް ހަމަޖެހުމާއި، ތަނަވަސްކަމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.