މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މުހައްމަދު ރިޝްވާން އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް ރިޝްވާން މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ރިޝްވާނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވެވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް ރިޝްވާން ފުރުއްވި އެވެ.
އެމްޕީއެލްގެ އެމްޑީގެ މަގާމުގައި ހުރި މުހައްމަދު ވަޖީހު އިބްރާހީމް މިދިޔަ އާދީއްތަ ދުވަހު ވަނީ މަގާމުން ވަކިކޮށްފަ އެވެ. ވަޖީހު މަގާމުން ވަކި ކުރި ސަބަބެއް ޕީސީބީއިން ހާމައެއް ނުކުރެ އެވެ. އެ މަގާމަށް އޭނާ އައްޔަން ކުރީ ނޮވެމްބަރު 28، 2023، ގަ އެވެ.