އައިޖީއެމްއެޗުން ވައްކަން ކުރި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ވައްކަން ކުރުމާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކާއި، 46 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލައިގައި މި ދެ މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ކޯޓުގައި ބުނެފައިވަނީ އައިޖީއެމްއެޗްގައި ހުރި އެލުމިނިއަމްތަކެއް ނަގާފައިވަނީ ހޮސްޕިޓަލުގެ މުވައްޒަފަކު ހުއްދަ ދީގެން ކަމަށެވެ. ނަމަވެސް، ހުއްދަ ދިނީ ކޮން މުވައްޒަފެއްކަން އެމީހުންނަށް ބުނެ ނުދެވުނު ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ. އަދި ހާދިސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އެ މީހުން ވަނީ އޭސީގެ ބައިތަކެއް ނަގަން މަސައްކަތްކޮށްފައެވެ.
މީގެ ތެރެއިން އުމުރުން 40 އަހަރުގެ ދިވެހި ފިރިހެން މީހާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށް، އޭނާ އެތަނަށް ދިޔައީ ރައްޓެއްސެއް ފެނިގެން ކަމަށް ބުނެފައެވެ.