މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރ. މީދޫގައި ކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ ރަށު މަގުމަތީ ބުރާސްފަތި ދުވަހުގެ ރޭ އަޑުގަދަ ކުރަމުންދިޔަ ކުދިބަޔަކަށް އެކަން ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވި ނަމަވެސް އަޑުގަދަ ކުރުން ނުހުއްޓާނެ ކަމަށް ބުނެ ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް އެ ކުދިން ދެކޮޅު ހެދި ކަމަށެވެ.
އެގޮތުން މައުލޫމާތު ނުދޭނެ ކަމަށް ބުނެ ސުލްހަ ވާން އެ ކުދިން ދެކޮޅު ހެދުމުން އެ ރަށު ފުލުސް ސްޓޭޝަނަށް ހާޒިރުވުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު އެންގި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެގޮތަށް އެ ކުދިންނަށް އެންގުމުން އަޑުގަދަ ކުރި ކުދިންގެ ތެރެއިން ކުއްޖަކު ފުލުސް މީހާ އަށް ހަމަލާދިން ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.
ފުލުހުން ބުީ ހަމަނުޖެހުން ހިންގި ކުއްޖާއަށް ފުލަހަކު އަނިޔާކުރި ކަމަށް ކުއްޖާގެ އާއިލާއިން ތުހުމަތުކުރާތީ އެ މައްސަލަ ވެސް ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާގައި ފުލުސް މީހާ ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ފުލުސް އޮފިސަރު އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހަދަމުން އަންނަ ކަމަށް ވެސް ބުންޏެވެ.