މިއަދު ކުރިއަށްގެންދިޔަ މި އަހަރުގެ ފުރަތަމަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ނުވަ ގޮނޑި ކާމިޔާބުކޮށްފިއެވެ.
މިގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ޕީއެންސީން ވަނީ ނ. ލަންދޫ އާއި، ރ. އިންނަމާދޫ ދެ ގޮނޑި އާއި، ލ. ގަމާއި، ގއ. ކަނޑުހުޅުދޫ އާއި ތ. ބުރުނީ އާއި ހދ. ހިރިމަދޫ އާއި ނ. ފޮއްދޫ އާއި ބ. ގޮއިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބުކޮށްފައެވެ.
މިއަދު 12 ދާއިރާއެއްގެ ބައި-އިލެކްޝަން ކުރިއަށްގެންގޮސްފައިވާއިރު، އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފައިވަނީ ނ. މިލަދޫ އާއި އދ. ހަންޏާމީދޫގެ ގޮނޑިއެވެ.
އަދި ބާކީ ދެ ދާއިރާ ކަމަށްވާ ދ. ހުޅުދެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއާއި ހދ. މަކުނުދޫ ކައުންސިލްގެ މެންބަރުކަމުގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ.
ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު 16:00 އާ ހަމައަށް ކުރިއަށްގެންދިޔައިރު، ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 11،325 މީހުންގެ ތެރެއިން 6،275 މީހުންނެވެ.
ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން މިހާރު ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރުއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ޖުމްލަ 5 ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ހުޅުވާލިއެވެ. ނަމަވެސް 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބާއްވައެވެ.