މިއަދު ކުރިއަށްގެންދިޔަ މި އަހަރުގެ ފުރަތަމަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ހޯދި ކާމިޔާބީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން މިއަދު ބާއްވަން ކަނޑައެޅި 37 ގޮނޑީގެ ތެރެއިން، އިންތިޚާބަކާ ނުލައި 24 ގޮނޑި އަދި އިންތިޚާބުގައި ވާދަކޮށްގެން ނުވަ ގޮނޑި އާއެކު ޖުމުލަ 33 ގޮނޑި ޕީއެންސީ އަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މިގޮތުން ރައީސް ވަނީ އަތޮޅު ކައުންސިލް ރައީސްކަމުގެ އެއް ގޮނޑި އާއި، ރަށު ކައުންސިލް ރައީސްކަމުގެ އެއް ގޮނޑި އާއި، ރަށު ކައުންސިލް މެންބަރުކަމުގެ ދެ ގޮނޑި އާއި އ.ތ.މ ކޮމިޓީގެ 29 ގޮނޑި މިއަދު ޕީއެންސީން ކާމިޔާބުކުރިކަން ފާހަގަކުރައްވައިފައެވެ.
"މި ކާމިޔާބީ ލިބުމުގެ އުފަލުގައި މާތްﷲގެ ޙަޟްރަތަށް ޙަމްދުކޮށް، އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިދޭޓުންނަށް މަރުޙަބާ ދަންނަވައި، އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކަށާއި އަދި ވޯޓުގައި ބައިވެރިވެވަޑައިގަތް ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަން"، ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ޕީއެންސީން ވަނީ ނ. ލަންދޫ އާއި، ރ. އިންނަމާދޫ ދެ ގޮނޑި އާއި، ލ. ގަމާއި، ގއ. ކަނޑުހުޅުދޫ އާއި ތ. ބުރުނީ އާއި ހދ. ހިރިމަދޫ އާއި ނ. ފޮއްދޫ އާއި ބ. ގޮއިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބުކޮށްފައެވެ.
މިއަދު 12 ދާއިރާއެއްގެ ބައި-އިލެކްޝަން ކުރިއަށްގެންގޮސްފައިވާއިރު، އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފައިވަނީ ނ. މިލަދޫ އާއި އދ. ހަންޏާމީދޫގެ ގޮނޑިއެވެ.
އަދި ބާކީ ދެ ދާއިރާ ކަމަށްވާ ދ. ހުޅުދެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއާއި ހދ. މަކުނުދޫ ކައުންސިލްގެ މެންބަރުކަމުގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ.
ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު 16:00 އާ ހަމައަށް ކުރިއަށްގެންދިޔައިރު، ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 11،325 މީހުންގެ ތެރެއިން 6،275 މީހުންނެވެ.