ހުޅުމާލޭގައި ކޯރާޑިއަކުން ހަމާލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭ ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެމީހަކު ހަމަލާ ދީފައިވާ މައްސަލަ ރޭ 11:35 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އަދި މި މާރާމާރީގައި ހަމަލާދީފައިވަނީ ކޯރާޑިއަކުން ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ހާމަކުރި ގޮތުގައި މި މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މިގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ، ހީނާމާގެ، ރުސްތަމް އިބްރާހީމް (25 އ.) އާއި ބ. ހިތާދޫ، ސްޓަރ، ޢަބްދުﷲ ޒާހިދު ޒުބައިރު (18 އ.) އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.