މ. ހައުސް ޕްލާޒާ ގޭގައި ރޯވި ބޮޑު އަލިފާންގަނޑު ކޮންޓްރޯލްކޮށްފި އެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:35 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 07:47 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.
ގިނަދުވަސް ތަކެެއްވަންދެން ފަޅުގެއެއްގެ ގޮތުގައި ހުންނަ މި ގޭގައި އަލިފާން ރޯވެފައިވަނީ އެ ގޭގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މ. ހައުސްޕްލާޒާގައި މީގެ ކުރިންވެސް އަލިފާން ރޯވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އެތަނަކީ މީހުން ދިރިނޫޅޭ ބާ އިމާރާތެކެވެ.