ވޯލްޑް ގަވަމަންޓް ސަމިޓް 2025 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.
ޔޫއޭއީގައި މި މަހުގެ 11 އިން 13އަށް ބާއްވަން ހަމަޖެހިފައިވާ މި ސަމިޓް ޝިޢާރަކަށް ކަނޑައަޅާފައި ވަނީ، "ޝޭޕިންގ ފިއުޗަރ ގަވަމަންޓްސް" އެވެ.
މި ސަމިޓްގެ މަގުސަދަކީ ސަރަޙައްދުގެ ޤައުމުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުމެވެ.
މި ސަމިޓްގެ މޫސުމީ ބަދަލުތަކާއި ބެހޭ ފޯރަމްގައި ނައިބު ރައީސް ވާހަކަފުޅު ދެއްކެވުމަށާއި، އެމަނިކުފާނު ސަމިޓްގެ ބައެއް ބައިވެރިންނާއެކު ބައްދަލުވުންތައް ބޭއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
"ވޯލްޑް ގަވަމަންޓް ސަމިޓް 2024" ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން، ރާއްޖޭގެ ކުރިމަގުގެ ތަސައްވުރާއި، އެ ތަސައްވުރުގައި ދެމެހެއްޓެނިވި ތަރައްޤީގެ ދައުރާއި ބެހޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.