އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ކުރިއަށް އޮތް ރަމަޟާން މަހު މާލޭގެ މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރާނެ ޒުވާން ދިވެހި ޙާފިޡުންނާ ހޮނިހިރު ދުވަހު ބައްދަލު ކުރައްވައިފިއެވެ.
ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ ޙާފިޡުންނަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު ފަރުވާތެރިކަމާއެކު އަދާކުރުމަށް ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުމަށްފަހު ވަޒީރު ވިދާޅުވި ގޮތުގައި، ގިނަ ޢަދަދެއްގެ ދިވެހި ޙާފިޡުން ފެނިވަޑައިގަންނަވާތީ އެކަމާ ނުހަނު އުފާކުރައްވާކަމަށެވެ.
އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހި ޙާފިޡުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަކީ ވުޒާރާއިން ވަރަށް އިސްކަމެއް ދެއްވާ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.