1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ 20 ފެބުރުވަރީ 2025 ގެ ކުރިން ދިނުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.
މާލީ ވުޒާރާއިން މިއަދު ނެރުނު ސަރކިއުލަރގައި ވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ދިނުމަށް އަންގައިފައެވެ. އަދި މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި، އިތުރަށް ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް ވަނީ އަންގައިފައެވެ.
މީގެ އިތުރުން، ރަމަޟާން މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭ ގޮތަށް، "ޕޭ ލީވް" (ސްކޮލަރޝިޕް މުވައްޒަފުން) އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުންވެސް އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށް އެ ސަރކިއުލަރގައި އަންގާފައިވެއެވެ.
އަދި މިފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށްވެސް މާލީ ވުޒާރާއިން ވަނީ އަންގައިފައެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކަށް ވާނީ 1 މާރިޗު 2025 އެވެ.