އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި ނައިބު ރައީސްގެ މަޤާމަށް ޢައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހެޅުއްވި ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އީސީގެ ރައީސްކަމަށް ޢައްޔަންކުރެއްވުމަށް ރައީސް ހުށަހަޅުއްވާފައިވަނީ އެ ކޮމިޝަންގެ މެންބަރު މުޙައްމަދު ޒާހިދު ދަފްތަރު ނަންބަރު ރސ 1548 ގެ ނަންފުޅެވެ. އަދި ނައިބު ރައީސްކަމަށް ޢައްޔަންކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ރޯޒް/ކ.ހުރާ އެވެ.
ޒާހިދާއި ޞަލާޙް އީސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އޭސީސީގެ މެންބަރުކަމުގެ ދެ މަޤާމެއް ހުސްވީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް ޢަބްދުއްސަލާމާއި، މެންބަރު ޠާހާ މުޙައްމަދު މަގާމުން ވަކިކުރުމަށް މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނިކޮށް އެ ދެ ބޭފުޅުން އަމިއްލައަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޒާހިދަކީ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ ނައިބު ރައީސްކަމާއި، ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އަދި ޞަލާޙަކީ އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމު އަދާކުރައްވައިފައެވެ.