ހެލްމެޓް އެޅުން ލާޒިމް ނޫން ސަރަހައްދުތަކުގައި ހެލްމެޓް އަޅާނަމަ ފާރަވެރިވާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެލްމެޓް އެޅުން ޤާނޫނުތަކުން ލާޒިމުކޮށްފައި ނުވާ ސަރަހައްދުތަކުގައި، ކާކުކަން ވަންހަނާކޮށް ކުށްތަކަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަމާއި، ޚިދުމަތް ދޭ ތަންތަނަށާއި ވިޔަފާރި ކުރާ ތަންތަނަށް ވަދެ ހަދާކަން އަނެއްކާވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ އޭ1 އަދި އޭ0 ގިންތީގެ އުޅަނދު ދުއްވާއިރު، އުޅަނދު ދުއްވަން އިންނަ މީހާއާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމްކޮށްފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ކަމަށާއި، އެ ސަރަހައްދުތަކުގައި އުޅަނދު ދުއްވޭ ބާރުމިން އަންގައިދޭ ބޯޑެއް ހަރުކޮށްފައި ހުންނާނެ ކަމަށެވެ.
އެހެންކަމުން، ހެލްމެޓް އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިއީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކަޓެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ޤާއިމުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށްވެސް ފުލުހުން ބުންޏެވެ.