ރަމަޟާންމަހާ ގުޅިގެން ގޭބީސީތަކަށް ދޭ ރޯދަ ހަދިޔާ ބަހަން ފަށައިފި އެވެ.
ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްްޓްރީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރަމަޟާންމަހާ ގުޅިގެން ގޭބީސީތަކަށް ދެއްވާ ރޯދަ ހަދިޔާ ހދ. އަތޮޅުގެ ރަށްތަކަށް ބަހަން ފަށާފައިވާ ކަމަށެވެ.
މިހާތަނަށް ހދ. ކުޅުދުއްފުށި ސިޓީއަށާއި، ނޮޅިވަރަންފަރަށާއި، ހަނިމާދޫއަށާއި އަދި ކުރިނބީގެ ގެތަކަށް ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ބަހައި ނިމިފައިވާ ކަމަށްވެސް މިނިސްްޓްރީން މައުލޫމާތުދެއެވެ. އަދި ހދ ގެ ހުރިހާ ރަށަކަށް މި ހަފުތާ ތެރޭގައި މަސްދަޅު ކޭސް ލިބޭނެ ކަމަށްވެސް ސިޓީސް މިނިސްޓްރީން މައުލޫމާތުދެއެވެ.
ރަމަޟާން މަހަށް ހަދިޔާ ކުރާ ތަކެތި ދޫކުރުމުގެ ކަންކަން ހަމަޖައްސަނީ ރަށްރަށުގައި ކައުންސިލް މެދުވެރިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރަމަޟާންމަހުގެ ފަހު 10 ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި، ރަމަޟާންމަހާ ގުޅިގެން ކޮންމެ ގޭބިސީ އަކަށް ހަނޑޫ އަދި ފުށް ދަނީ ހަދިޔާކުރަމުންނެވެ. އެގޮތުން މިއަހަރު ކޮންމެ ގެއަކަށް 48 ދަޅުގެ މަސްކޭހެއް ވެސް ދިނުމަށް ވަނީ ނިންމާފައެވެ.