އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް އަހުމަދު ސަރީރު ހަމަޖައްސަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އޯއައިސީއަށް އަހުމަދު ސަރީރު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ އިއްވައި ނަން ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީއަށް ފޮނުވާފަ އެވެ.
ސަރީރަކީ ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ހުންނަވާ ސަފީރެވެ.
މީގެ އިތުރުން ރާއްޖެއިން މިސްރާއި ކުވެއިތަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ސަރީރު އައްޔަންކުރަންވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފަ އެވެ.
ސަރީރު ވަނީ މީގެ ކުރިން ފޮރިން ސެކްރެޓަރީގެ މަގާމު އަދާކުރައްވާފަ އެވެ. މީގެ އިތުރުން އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމާއި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް އަދާކުރެއްވި އެވެ.
އަޙްމަދު ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަގާމުތަކުގަޔާއި އަދި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަގާމުތަކުގައި ހިދުމަތް ކުރައްވަމުން ގެންދަވާފައިވާ ބޭފުޅެކެވެ.