"ޤަޟާޢީ އަހަރު 2025" އިފްތިތާޙްކޮށްފިއެވެ.
މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އައު ޤަޟާޢީ އަހަރު އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތަކީ، އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެއްވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުޢީ ގޮތުންނާއި، އިދާރީގޮތުން ޝަރުޢީ ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ބާއްވާ އިޙްތިފާލެކެވެ.
ރޭގެ ރަސްމިއްޔާތުގައި، ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރުން ތަކްރީމުކުރައްވާފައިވާއިރު، އުއްތަމަ ފަނޑިޔާރު، އަޙްމަދު މުޢުތަޞިމް އަދުނާން ވަނީ ޤަޟާޢީ ބަޔާން އިއްވަވައިފައެވެ.
ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ޕުރޮގުރާމުގެ ގޮތުގައި 2021 ވަނަ އަހަރު ފިޔަވައި ފާއިތުވި އަށް އަހަރު ވެސް ވަނީ ޚާއްޞަ ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ. މިގޮތުން އިދާރީ ގޮތުން ޝަރުޢީ ދާއިރާގެ ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށްޓަކައި ފަނޑިޔާރުންގެ ޤައުމީ މަހާސިންތާގެ ނަމުގައި މަހާސިންތާއެއް، މިއަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މަހާސިންތާ ޚާއްޞަކޮށްފައިވަނީ އިސްލާމިކް ފައިނޭންސިންގ އަދި ޝަރުޢީ ކޯޓުތަކުގައި ހުރި ޝަރުޢީ އަދި އިދާރީ ކަންކަން އެއްގޮތްކުރުމާ ގުޅޭގޮތުންނެވެ.