ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަވަހަށް ތަންފީޒުކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި އައިއެމްއެފްއިން ވަނީ ދަރަންޏާއި ހަރަދުތަކުގެ ކަންބޮޑުވުންފާޅުކޮށް ކަންކަން ރަނގަޅުކުރަން ވަގުތު ނެތް ކަމަށް ބުނެފަ އެވެ.
އެ ގޮތުން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ނިޒާމު ޑައިރެކްޓް ސަބްސިޑީގެ ނިޒާމަކަށް ބަދަލުކުރަން ހިމަނާފައިވާއިރު އެ ގޮތަށް އެކަން ބަދަލުކުރަންޖެހޭ ކަމަށް އައިއެމްއެފް ވަފުދުގައި އިސްކޮށް ހުންނެވި ޕިޔަޕޯން ނިކީ ސޮދްސިރީވްބޯން ވިދާޅުވި އެވެ.
އެއާއެކު އާސަންދަ ނިޒާމު ރިފޯމްކުރުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ސަބަބުން މާލީ ގޮންޖެހުންތައް ކުރިމަތިވާކަން އައިއެމްއެފް އިން ފާހަގަކުރި އެވެ. އެ ގޮތުން އިސްކަންދޭނެ މަޝްރޫއުތަކެއް ކަނޑައެޅުމަށާއި ބައެއް މަޝްރޫއުތައް ހުއްޓާލަން ނޫނީ ކުޑަކުރަންޖެހޭ ކަމަށް އައިއެމްއެފުން ވަނީ ބުނެފަ އެވެ.
ސަރުކާރުން ހިންގާ ބޮޑެތި އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓުތައް މިހާރު ވެސް ވަނީ މަޑުޖައްސާލައިފައެވެ. އެކަން އައިއެމްއެފްގެ ވަފުދުން ފާހަގަކުރެއްވީ ރަނގަޅު ނިންމުމެއްގެ ގޮތުގައެވެ. އަދި މި ވަގުތު އިގްތިޞާދީ އަދި މާލީ ހާލަތު ރަނގަޅު ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަންތައްތަކަށް ބޮޑަށް އިސްކަން ދިނުމަށް އައިއެމްއެފުން ވަނީ ލަފާދެއްވައިފައެވެ. ކޮންމެ ގައުމެއް ކަމުގައިވީ ނަމަވެސް އެފަދަ ޕްރޮޖެކްޓުތައް ހިންގަންވާނީ ގައުމުގެ މާލީ ހާލަތަށް ރިއާޔަތްކޮށް އެންމެ މަންފާވާނެ ގޮތެއްގެ މަތިން ކަމަށް އެ ވަފުދުގެ ބޭފުޅުން ވަނީ ފާހަގަކުރައްވައިފައެވެ.
ދެން ފާހަގަކުރި އަނެއް ކަމަކީ ސަބްސިޑީ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތަކެވެ. އެ ބަދަލުތައް ވީހާވެސް އަވަހަކަށް ތަންފީޒުކުރުމަށް އެ ވަފުދުގެ އިސްވެރިޔާ ނިކީ ވަނީ ގޮވާލައްވައިފައެވެ. ވަކިން ޚާއްސަކޮށް އެ ކަންކަން ތަންފީޒުކުރުމަށް ގާނޫނަށް ގެންނަ އިސްލާހުތައް ރަނގަޅުކަން ފާހަގަކުރެއްވިއެވެ.
އަދި މި ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލުމަށް ގެންގުޅުއްވާ ސިޔާސަތަށް އެ ވަފުދުން ވަނީ މަރުހަބާ ކިޔައިފައެވެ.
މި ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓު 56.6 ބިލިއަން ރުފިޔާއަށް އަރައެވެ. އެ ބަޖެޓުގައިވަނީ، މި އަހަރު ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ކުރަންޖެހޭ ހޭދަ 9.4 ބިލިއަން ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް ބުނެފައެވެ.