މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުނީގެ ސީއީއޯގެ މަޤާމަށް މި ސަރުކާރުގެ ފުރަތަމަ ފައިނޭންސް މިނިސްޓަރ ޑރ. މުޙައްމަދު ޝަފީޤު އައްޔަންކުރައްވައިފިއެވެ.
މިހާރު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީގެ ޗެއަރމަންގެ މަޤާމުގައި ހުންނެވި ޑރ. ޝަފީޤް ފްރީ ޒޯން ކުންފުނީގެ ސީއީއޯގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
އެކަން ޑރ. ޝަފީޤު ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.
ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ވިޔަފާރީގެ ޙަރަކާތްތައް އިތުރުކުރުމަށް އުފައްދާފައިވާ މި ކުންފުންޏަކީ އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓްގެ ކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.
އެ ކުންފުނި އުފައްދާފައިވަނީ ސަރުކާރު ހިއްސާވާ 5 ކުންފުންޏެއްގެ ހިއްސާ އޮންނަ ގޮތަށެވެ. އެއީ އެސްޓީއޯއާއި، އެޗްޑީސީއާއި، އެމްޕީއެލްއާއި އެމްޓީސީސީއާއި އެމްއޭސީއެލްއެވެ.
އެކުންފުނީގެ ދަށުން މައިގަނޑު ފަސް ދާއިރާއަކުން އިންވެސްޓަރުންނަށް އެކި އެކި ވިޔަފާރި ކުރުމުގެ ފުރުޞަތު އޮންނާނެއެވެ.