އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ އާންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫ މައިލޯ ދަނޑު ސަރަޙައްދުން ޖޯއްޔެއްގައި މީހަކު ބަނދެ އަނިޔާކުރި މައްސަލައެއް ބަލަމުންދާކަމަށެވެ. މި މައްސަލައިގައި އަނިޔާކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށާއި، އޭނާގެ ބޮލުން ބައެއް ބާލާ، އަނިޔާކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ މައްސަލާގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން ހައްޔަރު ކުރި އެވެ.
ފުލުހުން މިއަދު ވަނީ އުމުރުން 18 އަހަރުން މަތީގެ އެ އެންމެންގެ ވަނަވަރު އާންމުކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ ވިޝަންޑްރީމް، ސަމާހު ތައުފީގު، 20 އާއި ހިތަދޫ ގްރޭސް، މުހައްމަދު ޔައީޝް އާޒާދު، 19 އާއި ހިތަދޫ ނޫތަރި އަޝްރަފު މުހައްމަދު، 22 އަދި އެ ރަށު މެރީގާޑަން އަލީ މާޒިން ހަސަން 20 އެވެ. އެ މައްސަލާގައި ހިމެނޭ 18 އަހަރުން ދަށުގެ ކުއްޖާގެ މައުލޫމާތު އާންމުނުކުރީ ކުޑަކުއްޖަކަށް ވާތީ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޖޯއްޔެއްގައި ބަނދެފައި އަނިޔާކުރީ 37 އަހަރުގެ މީހަކަށެވެ. އޭނާއަށް އަނިޔާކުރި މީހުން ހައްޔަރުކުރީ ވެސް ކުށުގެ ވެށިން ކަމަށް ވެސް ފުލުހުން ބުންޏެވެ.