8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ އިފްތިތާޙީ ސެޝަންގައި ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.
ފެބުރުވަރީ 16 އިން 17 އަށް މަސްކެޓްގައި ބާއްވާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޒީރު އޮމާނަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. މި ކޮންފަރެންސްގެ މި އަހަރުގެ ތީމަކީ "ވޮޔޭޖު ޓު ނިއު ހޮރައިޒަންސް އޮފް މެރިޓައިމް ޕާޓްނަރޝިޕް" އެވެ.
މި ކޮންފަރެންސްގެ އިފްތިތާޙީ ސެޝަންގައި ބައިވެރިވެވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، އެހެނިހެން ޤައުމުތަކުގެ ވަޒީރުންނާއެކު މި ސެޝަންގައި ބައިވެރިވެވަޑައިގެންނެވުނު ކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ.
މީގެ އިތުރުން، ސުލްހަވެރި، ތަނަވަސް އަދި ދެމެހެއްޓެނިވި އިންޑިއާ ކަނޑެއް ޤާއިމުކުރުމަށް އެންމެން ހިއްސާކުރާ ތަޞައްވުރު ހާސިލުކުރުމަށް އަވަށްޓެރިންނާއި ބައިވެރިންނާއެކު ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އޮމާނަށް ވަޑައިގެންނެވުމަށްފަހު އިއްޔެ ކުރެއްވި ޕޯސްޓެއްގައި ޑރ. ޚަލީލް ވަނީ އޮމާންގެ ސަރުކާރުން ދެއްވި ހޫނު މަރުޙަބާއާއި މެހުމާންދާރީއަށް ޝުކުރު ދަންނަވައިފައެވެ. އަދި ކޮންފަރެންސްގެ ބައިވެރިންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.