އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކުރަން ފާސްވީ ވޯޓު ދެއްވި 72 މެންބަރުންގެ އިއްތިފާގުންނެވެ.
ގާނޫނަށް ހުށަހެޅި އިސްލާހުގައި ޑަބްލިއުޑީސީގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރޯދަ މަހުގެ އިނާޔަތް ނުލިބޭ ކޮންމެ މެންބަރަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން 3،000 ރުފިޔާގެ އިނާޔަތް ދޭން ހިމަނާފައިވެ އެވެ.
ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމުގެ އިތުރުން ޑަބްލިއުޑީސީތަކުގެ މަސްއޫލިއްޔަތު ތަފުސީލުކޮށް ގާނޫނުގައި ހިމަނަން މި ބިލުގައި ހުށަހަޅާފައިވެ އެވެ.