ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ކޯހެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މަޖިލިސް މެންބަރުންނަށް ކުރިއަށް ގެންދަނީ އެއް އަހަރު ދުވަހަށް އަމާޒުކޮށްގެން "އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯ"ގެ ނަމުގައި ކުރިއަށް ގެންދާ ކޯހެކެވެ.
ކޯހުގެ މައުލޫމާތު ދިނުމަށް އައިޔޫއެމްގައި އިއްޔެ ވަނީ ހާއްސަ ބައްދަލުވުމެއްވެސް ބާއްވާފަ އެވެ. މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި ޔުނިވަސިޓީގެ އިސްވެރިންގެ އިތުރުން ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރާ އިންވެސް ބައިވެރިވި އެވެ.
މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވިދާޅުވީ މިފަދަ ކޯހެއް ކުރިއަށް ގެންގޮސް ދިނުމަށް އައިޔޫއެމްގައި އެދުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ އިލްމީ ގޮތުން ގާބިލް އަދި އުފެއްދުންތެރިން މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހަކަށް ހެދުމަށް ބޭނުންވާތީ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިފަދަ ކޯހެއް ކުރިއަށް ގެންދިއުމަކީ 20 ވަނަ މަޖިލީސް އިންތިހާބުވުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒިވެސް އެދިވަޑައިގެންނެވި ކަމެކެވެ.
އައިޔޫއެމް އިން މައުލޫމާތުދޭ ގޮތުގައި މެންބަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ މިންގަނޑާއި ބާ ކައުންސިލުން އެކަށައަޅާފައިވާ ކޮލިޓީ އެޝުއަރެންސްގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދާ ކޯހެކެވެ.