ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސްގެ މަޤާމަށް މިއަދު ދެ ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ދަފްތަރު ނަންބަރު ރސ 1548، އަލްފާޟިލް މުޙައްމަދު ޒާހިދުއެވެ.
އަދި ކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ކ.ހުރާ، ރޯޒް، އަލްފާޟިލް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އެވެ.
މި ދެ ބޭފުޅުންވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރެވިފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުއެވެ.
ދެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވުމުން، އެ މައްސަލަ ދިރާސާކުރަން ފޮނުވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް ވަނީ އެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް މި މަހުގެ 16 ވަނަ ދުވަހުގައި ފާސްކޮށްފައެވެ.
އެ ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓުގައިވާ ގޮތަށް، އެ ދެ ބޭފުޅުންނަށް ރުހުން ދޭން މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 81 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓުދެއްވައިގެންނެވެ.
ނަމަވެސް ވޯޓުގައި ބައިވެރިނުވާ 12 މެންބަރުން ޖަލްސާގައި ތިއްބެވިއެވެ.