އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ށ. ފުނަދޫއަށް ވަޑައިގެންފިއެވެ.
އެ ވުޒާރާއިން ހާމަކުރާ ގޮތުގައި ޑރ. ޢާއިޝަތު ޝިހާމްގެ މި ދަތުރުފުޅަކީ ށ. އަތޮޅުގައި ޤާއިމްކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މަސައްކަތްތައް ބައްލަވާލެއްވުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ށ. އަތޮޅު އަމާންވެށީގައި ތިބި ކުދިންނަށް ޒިޔާރަތްކޮށް އެކުދިންގެ ހާލު ބަލާލުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މީގެ އިތުރުން ވަޒީރުގެ ދަތުރުފުޅުގައި ކަމާ ގުޅުންހުރި އިދާރާތަކާއި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެ ވުޒާރާގެ މެންޑޭޓުގެ ދަށުން ފޯރުކޮށްދެވެން ހުރި ޚިދުމަތްތައް ފުޅާކުރުމާއި، އެކަންކަން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.