އަރުޝީފުކުރުމާއި ރެކޯޑް މެނޭޖްކުރުމުގެ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަހުގެ 16 އިން 18 އަށް ސަޢޫދީ ޢަރަބިއްޔާގެ ރިޔާދުގައި ބޭއްވި "އާކައިވްސް އިން ދަ ޑިޖިޓަލް އޭޖް" ކޮންފަރެންސްގައި ހަވާސާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް، މުޙައްމަދު ޢާމިރު އަޙްމަދެވެ. އަދި ސަޢޫދީގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ސެންޓަރ ފޮރ އާކައިވްސް އެންޑް ރެކޯޑްގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ފައިޞަލް ޢަބްދުލްޢަޒީް ތަމީމީއެވެ.
މި ރަސްމިއްޔާތުގައި ސައޫދީ އެރެބިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު ސަރީރާއި ދުނިޔޭގެ އަރކައިވާ ބެހޭ މައި އިދާރާ ، އިންޓަރނޭޝަނަލް ކައުންސިލް އޮން އަރކައިވް (އައިސީއޭ)ގެ ސެކްރެޓެރީ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ ދަށުން އަރުޝީފުކުރުމާއި އަރުޝީފީ ތަކެތި އިންޑެކްސްކުރުމާއި، ރައްކާތެރިކޮށް ބެލެހެއްޓުމާއި ފޮޓޯއާއި ޗާޓާއި، އޯޑިއޯވިޒައަލްސް ބެލެހެއްޓުމާއި، ދުވަސްވީ ތަކެއްޗަށް ފަރުވާދީ ބޭނުންކުރެވޭ ހާލަތަށް ގެނައުމާއި މި ދާއިރާތަކުން މީހުން ތަމްރީނުކުރުމާއި، އަރކައިވްކުރުމުގެ ސަގާފަތާއި ޒަމާނީ ގޮތްތަކާއި ކޮންސެޕްޓްތަކާއި ޓެކްނޮލޮޖީތަކާ ބެހޭ ގޮތުން އާ ޢިލްމާއި ތަޖުރިބާ ހިއްސާކުރުމާއި ސްޕެޝަލިސްޓުން ތަމްރީނުކުރެވޭނެއެވެ.
މި އެއްބަސްވުމަކީ ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ އިސްވެރިންގެ މަހާސިންތާގައި ބައިވެރިވަޑައިގެންނެވުމަށްޓަކައި ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް ޢާމިރު، ސަޢޫދީއަށް ކުރެއްވި ދަތުރުގެ ތެރެއިން ދެ އިދާރާގެ ދެމެދުގައި ޤާއިމުވި ގުޅުންތަކުގެ މައްޗަށް އެކުލަވާލެވުނު އެއްބަސްވުމެކެވެ.