ރޯދަމަހުގެ އިނާޔަތެއްގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބަހަން ފަށާނީ މިރޭ 8:30 ގައި ކަމަށް މިފްކޯ އިން ބުނެފި އެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފަށަން ކުރިން ނިންމީ މިއަދު މެންދުރުފަހު 2:30 ގަ އެވެ.
ނަމަވެސް، ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭ ގޮތަށް ކަންކަން ރާވާ ބައްޓަންކުރުމަށް މި ހަރަކާތް މިހާރު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގަ އެވެ.
މީގެ އިތުރުން މަސްދަޅު ކޭސް ބަހަން ނިންމާފައިވާ ސަރަހައްދުތަކަށްވެސް ވަނީ ބަދަލު ގެނެސްފަ އެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް
- 20 ފެބްރުއަރީ 2025 - ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް،
- 21 ފެބްރުއަރީ 2025 - ބަންދު،
- 22 ފެބްރުއަރީ 2025 - ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް،
- 23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025 - މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް،
މާލޭގައި މަސްދަޅު ކޭސް ބަހަން މިވަގުތު ނިންމާފައިވަނީ މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލްގަ އެވެ.
ވިލިމާލޭގައި ވެމްކޯ ސައިޓް މަސްދަޅު ކޭސް ބަހާއިރު ހުޅުމާލެ ފޭސް-1 ގައި އުމަރު ޒާހިރު ބިލްޑިންގްގައި އަދި ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރުގައި މަސްދަޅު ކޭސް ބަހާނެ އެވެ.