އީދާ ދިމާކޮށް މިދިޔަ އަހަރު ކުރިއަށް ގެންދަން ފެށި "ޢީދު އަލި" ހަރަކާތުގެ ތެރެއިން ކުރިއަށްއޮތް ފިތުރު ޢީީދުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން ދެ ރަށް ދިއްލަން ހަމަޖެހިފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިިނިސްޓަރ ވިދާޅުވީ "ޢީދު އަލި" ޙަރަކާތް މިދިޔަ އަހަރު މާލޭގެ އިތުރުން ކޮންމެ އަތޮޅެއްގެވެސް ވެރިކަންކުރާ ރަށުގައި ގެންދިޔަ ނަމަވެސް މިއަހަރު އިތުރު ރަށެއް ދިއްލުމަށް ހަމަޖެހިފައިވާ ކަަމަށެވެ. އެގޮތުން ދިއްލާނެ އިތުރު ރަށްރަށް ކަނޑއަޅާފައިވަނީ އާބާދީގެ ނިސްބަތަށް ބަލައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިފަހަރު އަޅުގަނޑުމެން ކޮންމެ އަތޮޅަކުން ވެސް ދެ ރަށަކަށް އީދު ލައިޓު އެބަ ފޮނުވަން. އައްޑޫ އާއި ފުވައްމުލަކުގެ ވަކި ރަށްތަކަށް ކުރިން ވަނީ ލައިޓުތައް ފޮނުވާފައި، ދެން ހުރި އަތޮޅުތަކުން 36 ރަށަކަށް ލައިޓް އެބަ ހަދިޔާކުރަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން" އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ ދެއަހަރު ކުރިން އީދަށް މާލެ ވަނީ ކުލަބޮކި ދިއްލާ ޒީނަތްތެރިކޮށްފައެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ އީދާއި ދިމާކޮށް މާލޭގެ އިތުރުން ރަށް ރަށުގައި އީދަށް ކުލަބޮކި ދިއްލާ ވަނީ ޒީނަތްތެރިކޮށްފައެވެ. މި ޙަރަކާތަކީ ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ވަނީ ލިބިފައެވެ.
މި އަހަރުގެ ފިތުރު އީދަށް 36 ރަށަކަށް ގެންނަ ލައިޓްތަކަށް 28 މިލިއަން ރުފިޔާ ހަރަދު ވާނެއެވެ. މިއީ ދެ ތިން ދުވަހަށް ދިއްލަނ ބޮޑު ކަރަދެއްތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ޚަރަދު ހިނގިނަމަވެސް ރައްޔިތުންގެ ހިތްހަމަޖެހުމަށް އެފަދަ ހޭދަތައް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.