އައްޑޫ ސިޓީ ހިތަދޫގައި ރޯވި ގޭގެ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.
މިއަދު ފަތިހުގެ ވަގުތެއްގައި އަލިފާން ރޯވެފައިވަނީ ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް)ގެ ގޭގަ އެވެ. މި ހާދިސާގައި ގެ އެއްކޮށް އަނދައި ހުލިވެފައިވާއިރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެންޑީއެމްއޭ އިން ބުނީ އެ ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދިރިނޫޅެވޭ ވަރަށް އެތަނަށް ގެއްލުން ލިބިފައިވާތީ، އެގޭގައި ދިރިއުޅެމުން ދިޔަ ފަރާތްތަކަށް އިންސާނީ އެހީތެރިކަން އައްޑޫ ސިޓީ ކައުންސިލް އާއި ގުޅިގެން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ ގޭގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހެނދުނު 08:05 އެހާކަންހާއިރު ކަމަށް ސިފައިން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި މޯޑު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ގެ އެއްކޮށް އަނދައި ހުލިވިއިރު، އެ ގޭގައި ހުރި އެއްވެސް އެއްޗެއް ސަލާމަތްނުކުރެވުނު ކަމަށެވެ. ނަމަވެސް ގޭގައި އެވަގުތު ތިބި މީހުން ސަލާމަތްވި ކަމަށް މޯޑު ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ސިފައިން ބުނެފައެއް ނުވެ އެވެ.