މިއަދަކީ ސަރުކާރުގެ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
ރައީސް މުއިއްޒު މިގޮތަށް ނިންމެވީ އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސް ވަންދެން މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ އެވެ.
ކުރިއަށް އޮތް ދެތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލަފާކޮށްފައެވެ.
މޫސުން އަލިވާނެ ކަމަށް މެޓުން ލަފާކުރަނީ ހޯމަ ދުވަހަށެވެ.
މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މިއަދުގެ ހެނދުނު 7:00 ޖެހުމާ ހަމައަށް ޔެލޯ އެލާޓު ނެރެފަ އެވެ.