ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކޮރަޕްޝަން މައްސަލައިގައި ފުރިހަމަ ކުރަން އެދުނު ކަންކަމާއި ސާފުކުރަން ބޭނުންވި މައުލޫމާތުތައް ހިމަނައި ލިޔުންތައް އަލުން ޕީޖީއަށް ފޮނުވައިފި އެވެ.
މަހުލޫފުގެ މައްޗަށް ދައުވާ ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ސަރުކާރުގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި ހިންގެވި އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުންހުރި މައްސަލައެއްގަ އެވެ. މިމައްސަލައިގައި ދައުވާ ކޮށްދިނުމަށް ދެ ފަހަރެއްގެ މަތިން އޭސީސީން އެދިފަ އެވެ. މި ދެފަހަރުވެސް ޕީޖީން އެދުނީ ކަންތައްތަކެއް ފުރިހަމަ ކުރާށެވެ.
އަލުން ލިޔުންތައް ފޮނުވި މައްސަލައިގެ ތަފްސީލެއް މިހާތަނަށް އޭސީސީން ހާމައެއް ނުކުރެ އެވެ.
މަހުލޫފުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފަހުން ފޮނުވިއިރު އެމައްސަލައިގައި ކަންތައްތަކެއް ފުރިހަަމަކުރަން އެދުނު ނަމަވެސް އަނބުރާ ފޮނުވާލާފައި ނުވާކަމަށް ޕީޖީން ވަނީ ބުނެފަ އެވެ. އަދި ދައުވާ ކުރުމާއިމެދު ގޮތެއް ނިންމޭނީ އެދުނު ކަންކަން ފުރިހަމަ ކުރުމުން ކަމަށްވެސް ޕީޖީން ބުންޏެވެ.
މަހުލޫފު މިވަގުތު ހުންނެނީ މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންނެވެ.
މަހުލޫފުގެ މައްސަލަ އޭސީސީއާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން ފުލުހުންނާއި ޕީޖީން ގުޅިގެން ތަހުގީގު ކުރިއިރު އޭނާގެ އެކައުންޓަށް ޖަމާކުރި 33،000 ޑޮލަރަކީ ކޮރަޕްޝަން ފައިސާކަމަށް ވަނީ ސާބިތުވެފަ އެވެ. 2014 ވަަނަ އަހަރު އެ ފައިސާ މަހުލޫފުގެ އެކައުންޓަށް ޖަމާކުރީ އެސްއޯއެފްގެ އެކައުންޓަކުންނެވެ. އެސްއޯއެފް އަކީ އެމްއެމްޕީއާރުސީ ހިޔާނާތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ދައުރު ކުރުވި ކުންފުންޏެވެ.
ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުގެ އަލީގައި 33،000 ޑޮލަރު މަހުލޫފަށް ދިނީ އެސްއީޒެޑް ބިލު މަޖިލީހުން ފާސް ކުރާށެވެ. މަހުލޫފު އޭރު ހުންނެވީ މަޖިލިސް މެމްބަރެއްގެ ގޮތުގަ އެވެ. އޭރު އޭނާއަކީ ޕީޕީއެމް މެމްބަރެއްވެސް މެއެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބާއި މަހުލޫފު ވަރަށް ގާތް ގުޅުމެއް ބާއްވަ އެވެ.
މަހުލޫފުގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ބަޔަކު ގުޅިގެން މަސައްކަތް ކުރަނީ އޭނާގެ ސިޔާސީ ހަޔާތް ދުއްވައިލާށެވެ.