މެލޭޝިއާގައި ގެއްލިގެން ހޯދަމުން ދިޔަ ދިވެހި ރައްޔިތެއް ކަމަށްވާ އަޙްމަދު ޢުސައިދު އިބްރާހީމް އަފީފް ފެނިއްޖެއެވެ.
ޢުސައިދު ފެނުނުއިރު ހުރީ މެލޭޝިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް އޭނާ މެލޭޝިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސަބަބު އަދި އެނގިފައި ނުވެއެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ ކުރީގެ މެންބަރު އިބްރާހީމް އަފީފްގެ ދަރިފުޅު އުސެއިދު އަކީ މެލޭޝިއާގެ މޮނާޝް ޔުނިވާސިޓީގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ.
އުސެއިދުގެ ބައްޕަ، އަފީފް ރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަހުގެ ދެ ވަނަ ދުވަހުގެ 15:15 ގެ ފަހުން ސަންވޭ ޖިއޯ އިން ނުކުމެގެން ދިޔަގޮތަށް އެއްވެސް ހަބަރެއްނުވެގެން ، އެރޭ 10:00 ގައި އެކަން ފުލުހުންނަށާއި މެލޭޝިއާ އެމްބަސީއަށް ވެސް އެންގި ކަމަށެވެ.
"މައްސަލަ ފައިލް ކުރި ހިސާބުން ފެށިގެން ، ޕޮލިހުންނާއި ހައި ކޮމިޝަންގެ ބޭފުޅުން އުސައިދު ހޯދުމުގެ މަސައްކަތް ފެށި، އަދި އެކިއެކި ގްރޫޕްތަކުގައްޔާއި، ހެޔޮއެދޭ ފަރާތްތަކުން އުސައިދު ފެނޭތޯ ކުރެވެންހުރި ހުރިހާމަސައްކަތެއް ހުއްޓުމެއްނެތި ކުރަމުން ގެންދިޔަކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރަން، އެގޮތުން ކުރެވުނު މަސައްކަތުން ސީސީ ކެމެރާ ފްޓޭޖް ތަކުން ލިބުނު މައުލޫމާތުންނާއި، ބައެއްމީހުންގެ ފަރާތުން ލިބުނު މައުލޫމާތުން، ހަމަ އެދުވަހު 16:00 އެހާކަށްހާއިރު، އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނު"، އަފީފް ވިދާޅުވިއެވެ.
ހައިކޮމިޝަނުންވަނީ އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ޕޮލިސް މެދުވެރިކޮށް އާއިލާއާއި ހަވާލުކޮށްފައެވެ. ނަމަވެސް އުސައިދު އަދި އާއިލާއާއި ބައްދަލެއް ނުވާކަމަށާއި އިރާދަކުރެއްވިޔާ ވަރަށްއަވަހަށް އުސައިދުގެ ޚަބަރެއް ވާނެ ކަމަށް ބައްޕަ ލިޔުއްވާފައިވެއެވެ.
އަފީފް ވިދާޅުވީ ސީސީޓީވީ ކެމެރާތަކުން ފެނުނުއިރު، އުސައިދު ހުރީ ރަތްކުލައިގެ ޓީޝާޓެއް ލައިގެން ކަމަށެވެ.