ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.
ޖޭއެސްސީން ކުރި އިއުލާނުގައި ވަނީ ބުދަ ދުވަހުގެ 11:00 ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. ސުއޫދު އިސްތިއުފާ ދެއްވީ ޖޭއެސްސީ އިން ސުއޫދު ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި އާއިޝާ ޝުޖޫން މުހައްމަދާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމް އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޑރ. އަޒްމިރަލްދާ ޒާހިރާ އާއި މަހާޒު އަލީ ޒާހިރު ވަނީ ޖޭއެސްސީ އިން ސަސްޕެންޑްކޮށްފަ އެވެ.