މި ނިމުނު 2024 ވަނަ އަހަރުގެ ޞިއްޙީ ތަފާސްހިސާބު ފުރިހަމަ ކޮށްފައިވާ ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގެ އަގު ވަޒަންކޮށް ސެޓިފިކެޓް ދީފިއެވެ.
ހެލްތު މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ޢާއިޝަތު ސާމިޔާ އެވެ.
ޞިއްޙީ ތަފާސްހިސާބުތަކަކީ ހުރިހާ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ގަވާއިދުން ޑިސްޓްރިކްޓް ހެލްތު އިންފޮމޭޝަން ސިސްޓަމް 2 (ޑީއެޗްއައިއެސް2) ޑިޖިޓަލް ޕްލެޓްފޯމް އަދި އެކްސެލް ޝީޓް މެދުވެރިކޮށް މި ވުޒާރާއަށް ރިޕޯޓު ކުރަންޖެހޭ މައުލޫމާތުތަކެކެވެ. މި ރިޕޯޓްތަކުގެ ތެރޭގައި އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ޒިޔާރަތްތަކާއި، ސާޖަރީތަކާއި، ލެބޯޓްރީ އަދި ޑައިގްނޯސްޓިކް ހިދުމަތްތަކާއި، އޮބްޒަވޭޝަން، އޮބްސްޓެޓްރިކްސް އަދި ގައިނެކޮލޮޖީގެ ހިދުމަތްތަކާއި، އެހެނިހެން މެޑިކަލް ޕްރޮސީޖަރތަކުގެ މަހުން މަހަށފުރިހަމަ ކުރަންޖެހޭ ތަފާސްހިސާބު ހިމެނެއެވެ.
މީގެ އިތުރުން ހިއުމަން ރިސޯސް މައުލޫމާތާއި ބެޑް އޮކިއުޕަންސީގެ މައުލޫމާތު ހިމެނޭ ގޮތަށް ހަ މަސްދުވަހުން ފޮނުވާ ރިޕޯޓްތައް ވެސް ހިމެނެއެވެ.
ޞިއްޙީ ތަފާސްހިސާބުތައް ވަގުތުން ރިޕޯޓްކުރުމަކީ ޞިއްޙީ ދާއިރާގެ މުހިއްމު ނިންމުންތައް ނިންމުމުގައި މުހިއްމު ރޯލެއް އަދާ ކުރާ މައުލޫމާތު ތަކެކެވެ. އަދި މި ތަފާސްހިސާބު ތަކުގެ މައުލޫމާތަކީ ޞިއްޙީ އެކި ދިރާސާތައް ހެދުމުށް ފުޅާދާއިރާއެއްގައި ބޭނުންކުރެވޭ މައުލޫމާތުތަކެކެވެ. މިކަމުގެ ސަބަބުން ޞިއްޙީ ފަރުވާގެ ޓްރެންޑްތައް ދެނެގަނެވި، ހެކިތަކަށް ބިނާކޮށް ސިޔާސަތު ކަނޑައެޅުމަށާއި ޞިއްޙީ ހިދުމަތްތައް ރަނގަޅު ކުރުމަށް އެހީވެދެއެވެ.
ޞިއްޙީ ޚިދުމަތުގެ ނިޒާމު ހަރުދަނާ ކުރުމުގައި ޞައްޙަ އަދި ވަގުތަށް ތަފާސްހިސާބު ރިޕޯޓުކުރުމުގައި ޞިއްޙީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންގެ ޚިދުމަތްތެރިކަމާއި ބުރަ މަސައްކަތުގެ ދައުރު ވަރަށް ބޮޑެވެ.
ނިމިދިޔަ 2024 ވަނަ އަހަރު މާލެ ސަރަހައްދުގެ ޞިއްޙީ ޚިދުމަތްދޭ 5 ތަނަކާއި އަތޮޅު ތެރޭ 15 އަތޮޅެއްގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާ ތަނަކުން ވަނީ ތަފާސްހިސާބުގެ ރިޕޯޓުތައް ނިންމާ ސެޓިފިކެޓް ހާސިލްކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މާލެ ސަރަހައްދުން ސެޓިފިކެޓް ހާސިލްކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލާއި، މެޑިކާ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލެވެ. އަދި އަތޮޅުތަކުން އއ، ބ، ދ، ފ، ގދ، ޏ، ހއ، ހދ، ކ، ލ، ޅ، ނ، ސ، ތ، އަދި ވ އަތޮޅުގެ ސިއްޙީ ހިދުމަތްދޭ ހުރިހާ ތަނަކުން ވަނީ ތަފާސްހިސާބުގެ ރިޕޯޓުތައް ނިންމާ ސެޓިފިކެޓް ހާސިލްކޮށްފައެވެ.