ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ސ. ހިތަދޫ، ބާޒީގެ، އަލްއުސްތާޛު ޙުސައިން ޝަހީދު ޢައްޔަންކުރައްވައިފިއެވެ.
އިއްޔެ މެންދުރު ރައީސް އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި އަލްއުސްތާޛު ޙުސައިން ޝަހީދަށް މަޤާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ އަލްއުސްތާޛު ޙުސައިން ޝަހީދާ ހަވާލުކުރައްވާފައެވެ.
ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް މަޖިލީހުން ފާސްކުރީ އިއްޔެއެވެ. މިގޮތުން އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު ޢައްޔަންކުރުމަށް ފާސްވެފައިވަނީ 64 މެންބަރުންގެ ވޯޓުންނެވެ.
ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ. ހަމައެއާއެކު އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލް.އެލް.ބީ ޙާޞިލުކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމް ހުސްވެ އެ މަޤާމަށް އައު ބޭފުޅަކު ޢައްޔަންކުރައްވާފައި މިވަނީ އެކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ސުޢޫދު އިސްތިއުފާދެއްވާފައިވަނީ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުންނެވެ.