ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ ދެ ޤައުމުން ހިއްސާކުރާ ރަނގަޅު ސިފަތަކުގެ މައްޗަށް ކަމުގައި ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕާކިސްތާނުގެ މިނިވަން ދުވަހާ ގުޅިގެން މިއަދު ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިޝާޤް ދާރ އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
މިގޮތުން ވަޒީރު ވަނީ ޕާކިސްތާންގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ޕާކިސްތާންގެ ސަރުކާރަށާއި ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ގާތް އެކުވެރި ގުޅުން ބިނާވެފައިވަނީ އިޙްތިރާމާއި ދެ ޤައުމުން ހިއްސާކުރާ ރަނގަޅު ސިފަތަކުގެ މައްޗަށް ކަމަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ތަރައްޤީއަށް ފާކިސްތާނުން ދެމުންގެންދާ އެހީ އާއި އެއްބާރުލުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ވަޒީރު ވަނީ ޝުކުރު ދަންނަވައިފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ ފުޅާ ވެގެންދާނެކަމަށް ޔަޤީންކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށާއި ޕާކިސްތާންގެ ރައްޔިތުންނަށް ސުލްހަ އާއި އުފާފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.