މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި، އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތް ބިދޭސީ މަސައްކަތްތެރިންނަކީ ލިޔެކިޔުންތައް ގަވައިދާ އެއްގޮތަށް ހުރި ބިދޭސީންކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ މުވައްޒަފުން މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
ހައްޔަރުކުރި ބިދޭސީންގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެ މީހާގެ އަތުން ފެނުނު މީހަކު، މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު މ. ސްޓާ ކްލައުޑުގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް ގެންދިޔަ ކަމަށެވެ.
އޭގެ އިތުރުން، ދޫކޮށްލި ބިދޭސީ މީހާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި މީހަކީ ދިވެއްސެއް ކަމަށާއި އެއީ އެ މައްްސަލައާ ގުޅިގެން ހައްޔަރުކުރި އިމިގްރޭޝަން މުވައްޒަފެއްގެ އާއިލާގެ މެންބަރެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބިދޭސީ މީހާ ހައްޔަރުކުރިއިރު، އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ، އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކުރިކަން ވެސް ތަހުގީގަށް އެނގުނު ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަން ހިންގާފައިވަނީ ބޭނުންވާ ލިޔެކިޔުން ފުރިހަމަ ނުކޮށް އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ޚިލާފަށްކަމަށެވެ. އަދި އެ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ޝައްމާނަށް އެނގިފައި އޮތްކަން ވެސް ތަހުގީގުން ހާމަވި ކަމަށް ފުލުހުން ގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަތަމަ ދިޔައީ އިމިގްރޭޝަންގެ އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ވަޒީފާގެ މަސްއޫލިއްޔަތު ނެތް ތިން މުވައްޒަފުން ކަމަށާއި އެ އޮޕަރޭޝަނުގައި ހަތް ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި، ވަޒީފާގެ އެ މަސްއޫލިއްޔަތު ނެތް އިމިގްރޭޝަންގެ ތިން މުވައްޒަފުން، އެ ގެ ބަލައި ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ފަހުން އެރޭ އެފަދަ އޮޕަރޭޝަންތަކަށް ޚާއްސަކޮށްފައިވާ އިމގްރޭޝަންގެ ޓީމެއް ގެނެސް، އަލުން ސީން ޕްރޮސެސްކޮށް، ހައްޔަރުކުރި ބިދޭސީންގެ ތަކެތި ސީލްކޮށް، އެ މީހުން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައެވެ.