ހުވަދު އަތޮޅުގެ 6 ރަށެއްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަރުކަޒުތަކުގެ ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް ޢަލީ ޝުޖާޢުއެވެ.
މިއަދު ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުނު ރަށްތަކުގެ ތެރޭގައި ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ގދ. ގައްދޫ، ގދ. ވާދޫ، ގދ. ފަރެސްމާތޮޑާ އަދި ގދ. މަޑަވެލި ހިމެނެއެވެ. މި ރަސްމިއްޔާތުތަކުގައި އެ ރަށްރަށުގެ ކައުންސިލް މެންބަރުންނާއި، ފުލުހުންގެ އިސް އޮފިސަރުންނާއި، އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ އިމާރާތްތަކުގެ ތެރޭގައި ސަރަޙައްދީ އަދި އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނެއެވެ. މީގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްޤީ ކުރުމަށް ޕޮލިސް ސްޓޭޝަންތައް ޤާއިމުކުރުމާއި، ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކަމަޑޭޝަން ބްލޮކްތައް ވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭނެއެވެ.
މި މަރުކަޒުތައް އިމާރާތްކުރުމަކީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ހުވަދުއަތޮޅުގެ އުތުރުބުރި އަދި ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފެށިގެންދިޔަ މަސައްކަތްތަކެކެވެ.