ވީނުވީއެއް ނޭނގި ގެއްލިގެން ހޯދުމަށް ފުލުހުން އިއުލާނުކޮށްފައި ހުރި މީހަކު މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފިއެވެ.
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފައިވަނީ ނ.މަނަަދޫއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ އަބްދުﷲ ޝިހާދެވެ.
އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުންވަނީ އޭނާ 10 ދުވަހު ބަންދުގައި ބެހެއްޓުމަަށް އަމުރުކޮށްފައެވެ.
މީގެ ކުރިން މިމަހުގެ 11 ވަނަ ދުވަހު ޝިހާދު ގެއްލިގެން އޭނާ ހޯދުމަށް ފުލުހުން މީސްމީޑިޔާގައި އިއުލާނުކުރިއެވެ. ފުލުހުން ބުނި ގޮތުގައި އޭނަ ހޯދަން އިއުލާނުކުރީ އާއިލާއަށް އޭނާގެ ހަބަރެއް ނުވެގެން ފުލުހަށް ރިޕޯޓުކުރުމުންނެވެ.
އޭނާއަކީ މާލޭގައި ދިރިއުޅޭ މީހެއްކަމަށާއި، އޭނާގެ ފޯނަށްވެސް ނުގުޅޭކަމަށް އެއިރު ފުލުހުން ބުނެފައިވެއެވެ.