ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު 6،700 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓްކުރަން ފެށި އޮޕަރޭޝަންގައި މިހާތަނަށް 6،750 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.
ޑިޕޯޓްކުރި ބިދޭސީންގެ ތެރޭގައި ގިނައީ ކުރަން އައި މަސައްކަތް ނޫން އެހެން ދާއިރާއެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ދަނީ މާލެ ސަރަހައްދާއި ބައެއް ރަށްރަށުގައިވެސް ސިލްސިލާކޮށް ރެއިޑް އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހައްލު ކުރާނެ ކަމަށް ސަރުކާރުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.